ބޯންމެރޯ ހެދުމަށް މި އަހަރު ފުރާ ފުރަތަމަ 3 ކުދިންނާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ބައްދަލުކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރ ނާޒިމް ބައްދަލުކުރެއްވި 3 ކުދިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ބޯންމެރޯ ހެދުމަށް އިތުރު 2 ކުދިން މި އަހަރުތެރޭގައި ފުރަން ވާންޖެހޭ ތައްޔާރީތައް ވަމުންް އަންނަ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެެެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިނިސްޓަރު ނާޒިމްއާއެކު ބޭއްވި މި ބައްދަލުވުމުގައި އެކުދިންގެ ބެލެނިވެރިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ބޯންމެރޯ ހެދުމުގެ ކުރިން ތެލެސީމިއާ ކުދިން ހަދަންޖެހޭ އެޗްއެލްއޭ ޓެސްޓަކީ މީގެ ކުރިން ރާއްޖެއިން ބޭރުން ހަދަމުން އަންނަ ޓެސްޓެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން މި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ ޚަރަދުގައި މިދިޔަ އަހަރުވެސް 14 ކުދިން ބޯންމެރޯ ހެދުމަށް ވަނީ ފޮނުވާފައެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 10 ޕޭޝެންޓުން ބޯންމެރޯ ހެދުމަށް ފޮނުވުމެވެ.



