ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގާގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި 17 އެޕްރީލް 2025 ވާ ބުރާސްފަތިދުވަހު (މާދަމާ) އެތަނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ، އެ މަސައްކަތް ކުރުމަށްޓަކައި މާދަމާ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
”މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ“ ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މި މަސައްކަތަކީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަަމަށެވެ.
މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން މަޢާފަށް އެދެއެވެ.




