ބެޗްލާޒް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔަވަން 45 ސްކޮލާޝިޕް ދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑްްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފިޝަރީޒް މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދިއުމަށް 45 ފަރާތަކަށް ސަރުކާރުން ފުލް ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކުރަނީ ވަރަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށާއި ހަމަ ކޮންމެ މަހެއް ވަކިން ބާނާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ކުރަނީ ދެމެހެއްޓެނިވި ގޮތަކަށް ކަމަށާއި ބޭރު ގައުމުތަކުގައި ހަދާހެން ދާއަޅައިގެން ކަހާ ނުލާކަމަށެވެ.
”މުޅި ދުނިޔެ ގަބޫލުކުރޭ އަޅުގަނޑުމެންގެ މަސްވެރިކަން. އެހެންވީމާ، އެ މަސްވެރިކަން އަޅުގަނޑުމެންނަށް ފުޅާކުރެވެން އެބައޮތް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ކަނޑުގެ ރިސޯސަސްތައް، އޯޝަން ރިސޯސްތައް، ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި އިގްތިޞާދީ ގޮތުން ފައިދާވާ ގޮތަށް ހެދުމުގެ ސިޔާސަތު ކަމަށެވެ.
ނޭޝަނަލް ޔުނިވަރސިޓީގައި މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފައްދާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ކޮލެޖުން ބެޗްލާޒް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލާޝިޕް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުން ގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި އަންދާޒާ ކުރަނީ 45 ކުއްޖަކަށް ކަމަށާއި ބަޖެޓް މިހާރު ހަމަޖައްސައިދެވިފައި އޮތްގޮތުން 45 ކުއްޖަކަށް ސްކޮލާޝިޕް ހަމަޖައްސައިދެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމާ ގުޅިފައި ހުރި އެކި ދާއިރާތަކުން ކޯސްތަކާއި ސްކޮލާޝިޕްތައް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.



