މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް މި ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން ހިންގަމުން އަންނަ ޕްރޮގްރާމްގައި މިހާތަނަށް 56 ޑައިވަރުން ތަމްރީނުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ވަރަށް ގިނައިން އެކިކަހަލަ ހާލަތްތައް ދިމާވެ މަސްވެރިންނަށް ވަރަށް ނުރައްކާތެރި ހާދިސާތައް ދިމާވާ ކަމަށެވެ. އެގޮތުން ބައެއްފަހަރު މަރުވާގޮތްވެސްވާ ކަމަށާއި އެހެންކަމުން ރެސްކިއު ޑައިވިންގ ކޯސްތަކެއްވެސް ސަރުކާރުން ހިންގަން ފަށާފައި ވާނެ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ކޮންމެ ދޯންޏެއްގެ އެކަކު އެއީ، ޓްރެއިންޑް ރެސްކިއު ޑައިވަރަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް މި ސަރުކާރުން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މިގޮތުން އެ ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރާނެއެވެ.
ރެސްކިއު ޑައިވަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.




