ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ 40 ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަން އިއުލާނުކޮށްފައެވެ.
މިއީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ހޯދާ މަޤާމުތަކެއްކަން މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުން ކަމަށެވެ.
ޑޮކްޓަރުން ހޯދާ ދާއިރާތަކުގެ ތެރޭގައި ޕީޑިއަޓްރިޝަން، އޮފްތަމޮލޮޖިސްޓް، ފިޒިޝަން، އެނެސްތެޓިސްޓް، އޯތޮޕީޑިސްޓް، ސާޖަން، ރޭޑިއޮލޮޖިސްޓް އަދި ގައިނިކޮލޮޖިސްޓު ހިމެނެއެވެ.
މިއިން ކޮންމެ ދާއިރާއަކުންވެސް 5 ޑޮކްޓަރުން ނަގާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޑޮކްޓަރުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސްޕެޝަލައިޒޭޝަނަށް ފަހު މަދުވެގެން އެއް އަހަރުދުވަހުގެ މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އުމުރުން 50 އަހަރުން ދަށް ނަމަ އިސްކަންދޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ޑޮކްޓަރުންގެ މުސާރައިގެ ގޮތުގައި 30،990ރ، ހަމަޖެހިފައި ވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 425ރ އަދި އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7،000ރ، ހިމެނެއެވެ. ހަމައެހެންމެ ފުޑް އެލަވަންސްގެ ގޮތުގައި 2،400ރ. އާއެކު މަދުވެގެން 51،440ރ. ޑޮކްޓަރުންނަށް ލިބޭނެކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ 70 ނަރުހުން ހޯދަން އިއުލާނުކޮށްފައެވެ.
ނަރުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 150 ނުވަތަ އެ އަށް ވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކޭޓްރީގެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރުން ދަށް ފަރާތެއް ނަމަ އިސްކަންދޭނެ ކަމަށް ވެސް ހެލްތުން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ނަރުހުންގެ މުސާރައަށް 9،060ރ. ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. ކަނޑައަޅާފައިވާ ކަމަށެވެ.
އަދި އެކޮމޮޑޭޝަން އެލަވަންސަށް 3،000ރ. އަދި ފުޑް އެލަވަންސަށް 1،800ރ. އާ އެކު މަދުވެގެން 16،980ރ. ލިބޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ 13:00 ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.



