ޣައްޒާގެ ޓެންޓުތަކަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 23 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާ އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ ދެކުނުގެ ޚާން ޔޫނިސް ސަރަހައްދުގެ ދެކުނުން އަލްމަވާސީ ޓައުންގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ ޓެންޓުތަކަކަށެވެ.
ފަލަސްތީނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާދީފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް މަވާސީ ޓައުންގައި އިސްރާއީލުން ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް ވައިގެ މަގުން ހަމަލާދީ 23 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަދި އެ މީހުން މަރުވެފައި ވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެޑިކަލް މަސްދަރުތަކުން ވަނީ މި ހަމަލާއަކީ ބިރުވެރި ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން، އެޖެންސީ ފްރާންސް ޕްރެސްއަށް ބުނީ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ބައެއް ޓެންޓްތަކަށް އިސްރާއީލުގެ ދެ މިސައިލުން ބުރާސްފަތި ދުވަހުގެ ހެނދުނު ހަމަލާ ދީފައިވާ ކަމަށެވެ.
އެ ޓެންޓުތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ޝަހީދުވި 23 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.



