މަސްވެރިންގެ ޤައުމީ ދަފްތަރުގައި 95 އިންސައްތަ ދޯނި ރަޖިސްޓްރީ ވެއްޖެއެވެ.
މިކަންހާމަކުރައްވާފައި ވަނީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާ ކަމަށެވެ.
ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ށ. ކޮމަންޑޫގައި ވަނީ އިފްތިތާހުކޮށްފައެވެ.
މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.
މަސްވެރިންގެ ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައެވެ.



