ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޒުވާން އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ދެންމެ ބުނީ ހެންވޭރުގައި ހުންނަ ގެއެެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:23 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު މިހާރު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



