އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑް ކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޭވާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަަމަށެވެ.
މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި، އައްޑޫ ސިޓީގައި މަސައްކަތްކުރާ އެހެނިހެން ފުލުހުން ބައިވެރިވެފައި ވެއެވެ.
އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑް ކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު އަހަރީ ދުވަސް ފާހަގަކުރުމަށް ފުލުހުންގެ ފަރާތުން މި މަހު 10 ވަނަ ދުވަހު މާމިގިލީގައި ވަނީ 10 އަނބުގަސް އިންދާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހަކީ ހުސްވި މާރިޗު މަހުގެ 29 ވަނަ ދުވަހެވެ. ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނިންމަވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަހަރީ ދުވަސް ފާހަގަކުރުމަށް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިނެއް ވެސް މާރިޗު މަހުން ފެށިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.



