ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ޚާއްސަކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފިއެވެ.
ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅުއްވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ޙައިދަރުއެވެ.
ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް އެ ރަށުން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.
އެ ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކަކާއި، އެކޮމަޑޭޝަން ބްލޮކެއް އަދި ފަންނީ ތަމްރީނުތައް ދިނުމަށް ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރާނެއެވެ.
އަދި މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމް އަކާއި ލައިބްރަރީ އަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި އެކި ކަހަލަ ކުޅިވަރު ކުޅޭނެ އެކްޓިވިޓީ ސެންޓަރެއް ތަރައްޤީ ކުރާނެއެވެ.
މިއީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ކެނދިކުޅުދޫ ޖޫނިއާ ކޮލެޖަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮލެޖެކެވެ.




