ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ސަރަޙައްދުގައި ތިން ބުރީގެ ދާއިމީ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެކެވެ.
އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.
މިކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވާނެ ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރުވެސް ގިނަ މިސްކިތްތަކެއް އެ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.




