ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ ސަމާލުވާން އެދިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު ބުނީ އެޗްޑީސީގެ ނަމުގައި ސްކޭމްތަކެއް ހިންގަމުން އަންނަ ކަމަށާއި އެގޮތުން އެ ސްކޭމް ހިންގާފަރާތްތަކުން ވައިބާ މެސެޖާއި ފޯނު ކޯލްތައް މެދުވެރިކޮށް މީހުންނާ ގުޅައި، އެޗްޑީސީގެ މުވައްޒަފުންކަމަށް ދައްކައި، އެކި ބާވަތުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެޗްޑީސީ ހައުސިން ޑިވެލޮޕްމަންޓް ކޯޕޯ ކިޔާ ދޮގު ނަމެއް ބޭނުންކޮށްގެން މީހުންނަށް ގުޅުމަށް 7933128 އާއި އަދި ވައިބާ މެސެޖު ކުރުމަށް 7956509 މި ނަންބަރު ބޭނުންކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ ސްކޭމް ހިންގާ ފަރާތުން ބައެއް ނަންބަރުތައް ކަށަވަރުކޮށް ވެރިފިކޭޝަނެއްގެ ގޮތުގައި ދައްކައިގެން ޖީމެއިލް އެކައުންޓްތަކަށް ވަދެވޭތޯ ވެސް މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މިއީ އެޗްޑީސީގެ ރަސްމީ މުވާސަލާތެއް ނޫން ކަމަށާއި އެޗްޑީސީން އަމިއްލަ ވައިބާ އެކައުންޓްތަކުން މުވާސަލާތު ނުކުރާނެ ކަމަށެވެ.
ހަމައެހެންމެ ޖީމެއިލް ލޮގިން، ވެރިފިކޭޝަން ކޯޑު ނުވަތަ ޕާސަަނަލް އެކައުންޓަކަށް ވަނުމަށް އެޗްޑީސީން ރިކުއެސްޓެއް ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ މެސެޖެއް ލިބިއްޖެނަމަ އެޗްޑީސީގެ ރަސްމީ ކޮންޓެކްޓް ނަމްބަރު ނުވަތަ ވެބްސައިޓް މެދުވެރިކޮށް އަބަދުވެސް ކަށަވަރުކުރަން ފުލުހުން ވަނީ އެދިފައެވެ.
އެހެންކަމުން މިފަދަ މެސެޖެއް ނުވަތަ ފޯނު ކޯލެއް ލިބިއްޖެނަމަ އެއަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށާއި އެ ނަންބަރުތައް ބްލޮކްކޮށް، ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.




