މާލެ ސަރަހައްދުގައި ލޭބަރ ފޯސް ސާރވޭ ކުރަންް ފަށައިފިއެވެ.
ލޭބަރ ފޯސް ސާރވޭގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭވަރު ދެނެގަތުމުގެ އިތުރުން އެމްޕްލޮއިމަންޓް އަދި އަންއެމްޕްލޮއިމަންޓް ރޭޓް ދެނެގަތުން ހިމެނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން ބުނީ ލޭބަރ ފޯސް ސާރވޭގެ ފީލްޑް މަސައްކަތް މިއަދުން ފެށިގެން މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ސާރވޭ ކުރިއަށްގެންދާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކުގައި އެކަނި ކަމަށް އެމްބީއެސް އިން ހާމަކުރެއެވެ.
އަދި މި ސާރވޭ އަށް ހޮވޭ ގޭބިސީތަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރުވެސް ޒިޔާރަތްކޮށްފާނެ ކަމަށް އެމްބީއެސް އިން ބުނެފައި ވެއެވެ.
މި މަޢުލޫމާތުތަކަކީ މުހިންމު ނިންމުމެއް ނިންމަން ބޭނުންކުރެވޭނެ މަޢުލޫމާތު ކަމަށްވުމާއެކު، މި ސާރވޭއަށް ގޭބިސީތަކުން އެއްބާރުލުން ދިނުމަށް އެމް.ބީ.އެސް އިން ވަނީ އެދިފައެވެ.
މި ސާރވޭގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްދާނީ އެޕްރީލް 20 އިން ފެށިގެން 26 ގެ ނިޔަލަށް ކަަމަށް އެމްބީއެސް އިން ހާމަކުރެއެވެ.
މި ސާރވޭގެ ތެރެއިން ހޯދާނީ ތަޢުލީމާއި، ހިޖުރަކުރުމާއި، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، މީހުންގެ އާންމު މަޢުލޫމާތާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ އިތުރުން އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އަބާދީގެ ތަފްޞީލާ ގުޅޭ މަޢުލޫމާތު ކަމަށް އެމްބީއެސް ބުނެއެވެ.
ހަމައެހެންމެ ހިޖުރަކުރުމުގެ ރޭޓު ހޯދައި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި، ”ޑީސެންޓް ޖޮބްސް އިންޑިކޭޓަރ“ އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީވެސް މި ސާރވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.




