މޯލްޑިވެސް އެގްރިބިޒްނަސް(މެޕް) އިން ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ 26 ރަށެއްގައި ކުރިއަށް ގެންދަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ރާއްޖެގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އުތުރުގެ ތިން އަތޮޅަކަށް އަމާޒުކޮށްގެން 26 ރަށެއްގައި ޕްރޮގްރާމްތައް ކުރިޔަށް އެބަ ގެންދާ ކަމަށެވެ.
އެ މިނިސްޓްރީގެ ދަށުން ހިންގާ، މެޕް އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް(އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅުކަމަށްވާ، ހއ.ހދ. އަދި ށ ގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މެޕްގެ ތަޖްރިބާތަކަށް ބަލައި ތަމްރީންތައް ގެންދާ ގޮތްތަކަށް ތަފާތު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން އައިލެންޑް ފާމަރސް ފޯރަމްގެ ނަމުގައި އެ ރަށްރަށުގައި ދަނޑުވެރިންގެ ގްރޫޕް ތަކެއް އެކުލަވާލާފައިވާ ކަމަށާއި އަދި ދަނޑުވެރިންގެ ބޯޑެއްވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މެޕް އިން އުތުރުގެ ބައެއް ރަށްތަކުގައި ހިންގާ ތަމްރީން ތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ އެކިއެކި މަރުހަލާތަކާއި ގުޅުން ހުރި ޕްރޮގްރާމްތަކުގެ އިތުރުން ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ގްރާންޑް ސްކީމެއްގެ ދަށުން ކުރިޔަށްގެންދާ ކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގައި ދެ ޖިންސުގެ ހަމަމަމަކަން ގާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް އަންނަނީ ދަނޑުވެރިންނަށް ފޯރުކޮށްދެމުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެެއެވެ.



