އަމާޒަކީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް (ނެޕް) ފަދަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކޮށް، ޒުވާނުންނާއި ހަމައަށް ވާސިލުވެ ބައިވެރިވުން އިތުރު ކުރުން ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގްރެޖުއޭޓުވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ރާއްޖޭގެ ރަށްތަކަށް ފުޅާކޮށް، ޒުވާނުންނާއި ހަމައަށް ވާސިލުވެ ބައިވެރިވުން އިތުރު ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.
”32 އެޕްރެންޓިސް ގްރެޖުއޭޓުންގެ ކާމިޔާބީ ފާހަގަކުރަން، މި އަދަދު ކުޑަކޮށް ފެނުނަސް މީގެ އަސަރު ވަރަށް ބޮޑު، މިއީ އަލުން މާނަކުރެވުނު 32 މުސްތަގްބަލް، ބާރުވެރިކުރެވުނު 32 ގޭބީސީ“ މިނިސްޓަރު ވިދާޅުވިއެވެ.
އެ ގްރެޖުއޭޓުން ހޯދާފައިވާ ހުނަރުތަކަކީ ހަމައެކަނި ވަޒީފާ އަދާކުރުމަށް ބޭނުންކުރާ އާލާތްތަކެއް ނޫން، ކަމަށާއި އެއީ އަމިއްލަ ނަފްސަށާއި ގައުމަށް ބަދަލު ގެނައުމުގެ ވަސީލަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އެ ދަރިވަރުންނަށް އަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއް ނަގައިދީފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދެމެހެއްޓެނިވި މަސައްކަތްތަކުން ނަތީޖާ ނެރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުންކަމަށާއި، ޒުވާނުން ބާރުވެރި ކުރުވައި ކުރިޔަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



