ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ ދިވެހިންގެ އެކްސްޕޯގައި ބައިވެރިވުމަށް 256 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ މި މަހުގެ 25 އަށް އިތުރުކޮށްފައެވެ. އެ މައުރަޒު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެ މައުރަޒާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެ ހަރަކާތް އެހެން އަހަރުތަކާއި ހިލާފަށް ފުޅާ ގޮތެއްގައި ކުރިއަށް ގެންދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ މައުރަޒު ކުރިއަށް ދަނީ ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް ދައުވަތު ދީގެން ކަމަށް ސައީދު ވިދާޅުވިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް ގާތްގަނޑަކަށް 256 އެޕްލިކޭޝަން ލިބިފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އެ މައުރަޒުގައި ޖުމްލަ 4415 ތަފާތު އުފެއްދުންތައް މިހާރު ވެސް ހިމެނޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވަން ހަމަޖެހިފައިވާ ދިވެހިންގެ އެކްސްޕޯ 2025ގައި އެކިއެކި ޒޯންތަކަށް ބަހާލައިގެން ކްރިއޭޓިވް އިކޮނޮމީ، އެންޓަޓެއިންމެންޓް، ޑިޖިޓަލް އިނިވޭޓިވް އަދި ދިވެހި އުފެއްދުންތައް ހިމެނޭ މާކެޓް ޕްލޭސް ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.




