ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.
އެ ޔަޤީންކަން ދެއްވާފަައި ވަނީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ވައުދާ އެއްގޮތަށް ރަށްރަށުގައި ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުން ކަމަށެވެ.
ހަމައެހެންމެ ސައީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަކީ އަމިއްލަ ކުންފުނިތައް ބާކީކުރުން ކަމުގައި މާނަކޮށްގެން ނުވާނެ ކަމަށެވެ.
ސައީދު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ޕްރައިވެޓް ސެކްޓާ ބާކީ ކުރާނެ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
މީގެ އިތުރުން އެއީ މާނަކުރަންޖެހޭ ގޮތެއް ނޫން ކަމަށާއި އެއެްވެސް އަމިއްލަ ކުންފުންޏެއް ބާކީއެއް ނުކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދިނުން ހުއްޓާނުލާ ކަމަށާއި އެ މަސައްކަތުން އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުންދާ ކަމަށެވެ.
އަދި އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކަށް އަސަރު ނުކުރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ



