މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 9،264 ރުފިޔާ ކަމުގައި ޒަކާތު ހައުސް އިން ބުނެފިއެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން މިއަދު ބުނީ މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57 ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ކަމަށެވެ.
އަދި މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެވެއެވެ.



