ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙިއްޞާކުރައްވައިފއެވެ.
ރައީސް އެ ވާހަކަތައް ހިއްސާކުރައްވާފައި ވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް ”ސްޕޮޓް އޮން“ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ޙިއްޞާކުރައްވާފައެވެ.
އަދި ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ކުރިމަތިކުރުވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ.
ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު،ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ބޭނުން ވަނީ ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާ އޮތުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ، ސުވާލުކުރައްވާ، ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ޕޮޑްކާސްޓުގައި ޒުވާނުންގެ ފަރާތުން 5 ސުވާލެއް ރައީސްއާ ކުރިމަތިކުރެއްވި އިރު އެ މަނިކުފާނު ވަނީ އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވާފައެވެ.


