މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދުއާ ގުޅުން ގޯސް ނުވާކަމަށާއި އޭނާއާމެދު ފިޔަވަޅު އެޅުއްވީ ޤާނޫނާ ޚިލާފުވުމުން ކަމުގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެ، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ޝަމްޢާން މަގާމުން ވަކިކޮށް، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ހައްޔަރުކުރީ ހޯމް މިނިސްޓަރާ ޒާތީ މައްސަލައެއް އޮވެގެންތޯ މެންބަރަކު ސުވާލު ކޮށްފައިވެއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޝަމްޢާންއާއެކު އޮތް ގުޅުން ގޯސް ނުވާ ކަމަށެވެ.
ބިދޭސީންތަކެއްގެ އަތުން ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްޢާން ވަކިކޮށް، މިދިޔަ މަހު 22ގައި ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ 15 ދުވަހަށް އޭނާ ބަންދުކުރުމަށް ފަހު، އެ މުއްދަތު ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހު ކުރީކޮޅުގައެވެ.
މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ސަރުކާރުގެ ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ޝަމްޢާންއާ އެކު ކުރަމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އޭގެ ސަބަބުން ޝަމްޢާންއާ އެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށް ވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
”ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މަސައްކަތުގެ މާހައުލުގައި އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު. ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރީ އެއްކޮށް. ވަރަށް ރަނގަޅަށް“ އިހުސާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ މިއަދު ވިދާޅުވި ގޮތުގައި ޝަމްޢާން ހައްޔަރުކުރީ ”ހަގީގަތުގައި“ ވެސް ގާނޫނާ ހިލާފު ކަންކަން ކުރުމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ގާނޫނާ ހިލާފުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ހިސާބުން ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



