ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމިއްލަ ފަރާތްތަކުން ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާ ހޯދަން އެންގުމުގެ މަސައްކަތް ފަށައިފިއެވެ.
އަމިއްލަ ފަރާތްތަކުން އެޗްޑީސީއަށް 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަކުންނެވެ.
ހުޅުމާލެ އާއި ތިލަފުށި ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުން ބިމާއި އިމާރާތް ކުއްޔަށް ނެގުމަށް ފަހު އަމިއްލަ ބައެއް ވިޔަފާރިތަކުން ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި މައްސަލައިގައި މާލިއްޔަތު ކޮމިޓީން ވަނީ އެޗްޑީސީން މައުލޫމާތު އެއްކޮށް ރިޕޯޓެއް އެކުލަވާލައިފައެވެ.
އެ ރިޕޯޓު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްވެސް ކޮށްފައެވެ.
މާލިޔަތު ކޮމިޓީގެ އިދާރީ މޭޒުން މެންބަރުންނަށް ހުށަހެޅި ރިޕޯޓްގެ ހުލާސާ މައުލޫމާތުތަކުގައިވާ ގޮތުގައި އެޗްޑީސީއަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަން ހާމަވެފައިވެއެވެ. އޭގެ ތެރޭގައި 30އަށް ވުރެ ގިނަ ކުންފުނި ހިމެނެ އެވެ.
އެ ރިޕޯޓުން ހާމަވާ ގޮތުގައި މާލީ ދަތިތަކާ ހުރެ ފައިސާ ދައްކަން ލުއި ދީފައިވާ ފަރާތްތަކުން ލިބެން ޖެހޭ އަދަދު 193 މިލިއަން ރުފިޔާއަށް އަރައެވެ. މީގެއިތުރުން ފައިސާގެ ދައްކަން ލުއިދިން ފަރާތްތަކުން އަދި ލިބިފައި ވަނީ 28.1 މިލިއަން ރުފިޔާ ކަމާއި އޭގެ ތެރޭގައި ގިނައީ ހުޅުމާލޭގައި ފްލެޓް އިމާރާތައް ހަދަން ދީފައިވާ ކުންފުނިތައްކަން ފާހަގަވެއެވެ.
ނުލިބި ހުރި ފައިސާ ހޯދުމުގެ މައްސަލަ ހައްލު ކުރުމަށާއި ބިންތައް ވިޔަފާރިތަކަށް ކުއްޔަށް ދިނުމުގައި އެޗްޑީސީއިން އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ރެކޮމެންޑޭޝަންތަކެއްގެ ގޮތުގައި ރިޕޯޓްގައި ހިމެނުމަށް ވަނީ ފާސްކޮށްފަ އެވެ.



