އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި ބޭން ކުރުމުން މިހާތަނަށް ބެލިބެލުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޠާރިގު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގެން ނެތް ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ސަބަބު ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަގުވާމީ ފަރާތްތަކަށް އަންގަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ހަމަ ކޮންމެ ދުވަހަކު ވެސް މޮނިޓަރު ކުރަމުން މިދަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޓޫރިސްޓުންގެ އަދަދަށް އެއްވެސް ކަހަލަ ޑިކްލައިނެއް އުޅޭތޯ“ ޠާރިގް ވިދާޅުވިއެވެ.
މިނިސްޓަރު ޠާރިގް ވިދާޅުވީ އެކަން މޮނިޓާކޮށް ބަލަމުންދާއިރު ފަތުރުވެރިންގެ އަދަދު މަދުވެ އެކަހަލަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ.
މީގެ އިތުރުން ޠާރިގް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި އެބަ ހުރި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ނިންމުމަށް ތައުރީފުކޮށްފައި ލިޔެފައި ހުރި ޚަބަރުތައްވެސް އެބަހުރި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.



