އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އާއި އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މުޅިއަކު 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 14،870،413 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ އެމްޑީ އެވެ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީން އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ.
ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށާއި، މިއަދުގެ މި އެއްބަސްވުމާއެކު، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އަދި ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށާއި ބިންދަތިކޮށް އުޅެމުންވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސިކަމަށްޓަކައި ދަނގެތީގެ ކައުންސިލަށާއި، ކައުންސިލްރައީސަށް ޝުކުރު ދަންނަވާކަމަށް މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރިދުވަހެއް ކަމަށާއި، މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި، އެކަމުގެ ޝަކުވާބޮޑުކަމަށް، އެހެން ނަމަވެސް މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށާއި، މިއީ ވަރަށް ރަނގަޅު ފެށުމެއްކަން ވެސް މުއާވިޔަތު ފާހަގަ ކުރެއްވިއެވެ. އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލްވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން މިކަމަށް ހައްލުހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެކަމަށާއި، މިކަމަށް ހައްލު ހޯދަދެއްވާކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.




