ޞިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރެވޭނެ ދާއިމީ އިންތިޒާމެއް ޤާއިމުކުރުމަށް ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޞިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އެގޮތުން މި ދާއިރާއިން މީހުން ބޭނުންވާވަރު ދެނެގަތުމަށް ހެދި އެސެސްމަންޓް ގިނަ ބަޔަކު މި ދާއިރާއަށް ބޭނުންވާ ކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”މި ދާއިރާއިން ތަމްރީނުވެފައި ތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރަނީ ބިދޭސީ މުވައްޒަފުން“ މިނިސްޓަރު ވިދާޅުވިއެވެ.
މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މި ދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.




