އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާއިން 1500 ދިވެހިން ތަމްރީނު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ވަނީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާގައި ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ.
”މި ދާއިރާއިން ތަމްރީނުވެފައި ތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރަނީ ބިދޭސީ މުވައްޒަފުން“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި ދާއިރާއިން މީހުން ތަމްރީން ކުރުމަށް ސަރުކާރުން ފެށި މި މަސައްކަތުގެ ސަބަބުން މި ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ދާއިރާއިން މީހުން ތަމްރީން ވުމަށް ހުޅުވާލާ މި ފަދަ ފުރުސަތުގެ ބޭނުން ދިވެހިން ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީން ކުރުމަށް ނިންމާފައިވާ އެލައިޑް ހެލްތްއަށް ނިސްބަތް ވާ ވަރަށް ގިނަ ދާއިރާތައް ހިމެނެއެވެ.
އޭގެތެރޭގައި ކައުންސިލިން، ސްޕީޗްތެރަޕީ، އޮކިއުޕޭސަނަލްތެރަޕީ، ފިޒިއޮތެރަޕީ، ކޮމިއުނިޓީ ހެލްތް، ޑައެޓީޝަނުން، ޕެރަމެޑިކްސް ރޭޑިއޯގްރަފީ، ބައޯމެޑިކަލް އިންޖީނިއަރިން ފަދަ މުހިއްމު ދާއިރާތައް ހިމެއެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބުދުﷲ ނާޘިމް އަދި ،މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއިކުރައްވާފައެވެ.




