ގދ. ތިނަދޫ ހައުސިން ޔުނިޓުތައް ދޫކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަބަދުވެސް ކަނޑައަޅަނީ އެ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ލިބިގެން ކަމަށެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި އެ ވަނީ ތިނަދޫ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ ހުއްދަނެތި އެ ރަށުގައި އަޅާފައިވާ ފްލެޓްތައް ދޫކުރަން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި އިއުލާނުކޮށްފައިވާތީއެވެ.
އެހެންކަމުން އެ ކަމަށް އިޝާރާތްކޮށް އެ މިނިސްޓްރީން ބުނީ ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އެ އިއުލާނު ބާތިލު ކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތުގެ އުސޫލު އެންޑޯސް ކުރުމަށް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދާ ހަމައަށް ވެސް އެ އެންގުމާ އެއްގޮތަށް ތިނަދޫ ސިޓީ ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ލަފަ އާއި އެންޑޯސްކުރުމަކާ ނުލައި ކޮށްފައިވާ އިއުލާނަކަށް ވާތީ، އެ އިއުލާނުގެ ދަށުން ކުރާ އެއްވެސް މަސައްކަތެއް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އެ ހައުސިން ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް އެ މިނިސްޓްރީން ކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ގދ. ތިނަދޫގައި ތަރައްޤީކޮށްފައި ވަނީ200 ހައުސިން ޔުނިޓެވެ.
އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން ހުޅުވާލި އިއުލާން ބާތިލުކުރަން އަންގާ ފޮނުވި ސިޓީގައި ހައުސިން މިނިސްޓްރީން ވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އިމާރާތްކުރުމާއި ދޫކުރުމުގެ މަސައްކަތްކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިފައިވާ ކަމެއް ކަމަށް ބުނެފައެވެ.



