އައްޑޫމީދޫ އިން ވިޔަފާރި ބޭނުމަށް ބިން ދޫކުރާ މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އެލްޖީއޭއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.
އައްޑޫ މީދޫ ކައުންސިލުން އެޕްރީލް 22، 2025 ގައި ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މީދޫ އިން 25 ބިމެއް ވަނީ އެކި ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައެވެ.
މިކަމާއި ގުޅިގެން އަމިއްލަ ފަރާތަކުން އެލްޖީއޭއަށް ހުށަހެޅި މި މައްސަލައިގައި ބުނީ ކައުންސިލުން ބިން ދޫކުރުމަށް ނިންމާފައި ވަނީ މީދޫ ލޭންޑްޔޫސް ޕްލޭންގެ މަޤްޞަދު ހާސިލުނުވާ ގޮތަށް ޤަވާއިދާއި ހިލާފަށް ކަމަށެވެ.
ކުއްޔަށް ދިނުމަށް ހުޅުވާލި ބިންތަކުގެ ތެރޭގައި ސިމެންތި ގާ އެޅުމަށް ދޫކުރާ ބިންތަކާއި ، ވަޑާންގެ އާއި ހެވީ ވެހިކަލްގެ ޚިދުމަތްދިނުމަށް ދޫކުރާ ބިންތައް ހިމެނޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.
“ބިން ދޫކުރާ ސަރަހައްދުގެ ގޮތުން މީދޫގެ ލޯކަލް ޓުއަރިޒަމަށް ހުރަސް އެޅިގެން ދާނެ“ ކަމަށް ޝަކުވާހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއީ މީދޫ ލޭންޑް ޔޫސްޕްލޭނާ ހިލާފަށް އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށް އެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
ބޮޑެތި ސިނާއީ ބޭނުންތަކަށް ބިން ދޫކުރަން އިއުލާންކޮށްފައި ވަނީ ޓުއަރިޒަމް ޒޯނުން ގެސްޓްހައުސް އެޅުމަށް ކުއްޔަށް ދީފައިވާ ބިންތަކާ ދާދި އިންވެގެންކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
“މިއީ ރައްޔިތުންގެ މަޝްވަރާއާނުލާ ވަކި ބަޔެއްގެ މަންފާއަށް ނިންމާފައިވާ ނިންމުމެއް“ ކަމަށް ޝަކުވާ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
މިގޮތުން މި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ފަރާތުން އެލްޖީއޭއަށް ވަނީ ހުށަހަޅާފައެވެ.




