އިންޑިއާ އާ ޕާކިސްތާނު ގުޅުވައިދޭ މައި ބޯޑަރު ބަންދުކޮށް،ވައިގެ ސަރަހައްދުވެސް ބަންދުކޮށްފިއެވެ.
އެ ދެ ގައުމުގެ މެދުގައި ހަމަނުޖެހުން އުފެދި ނުތަނަވަސްކަން އިތުރުވެފައި މި ވަނީ އެޕްރީލް 24 ވަނަ ދުވަހު ޖަމްމޫ އަދި ކަޝްމީރުގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.
އެ ހަމަލާއަށްފަހު އިންޑިއާއިން ޕާކިސްތާނަށް އިންޒާރު ދެމުން އަންނަ އިރު ޕާކިސްތާނުން ދަނީ އިންޑިއާއަށް އެކި ތުހުމަތުތައް ކުރަމުންނެވެ.
މިކަމަށް އިޝާރާތްކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ ”ކޮންމެ ޓެރަރިސްޓް ހަމަލާއަކަށް އަދަބު ދޭނެ“ ކަމަށް ވައުދުވެވަޑައިގެންފައެވެ.
”ޓެރަރިސްޓުންނާއި ޓެރަރިޒަމަށް ތާއީދުކުރާ ކޮންމެ މީހަކު ދެނެގަނެ، ޓްރެކްކޮށް އަދަބު ދޭނަން“ މޯދީ ވިދާޅުވެފައި ވެއެވެ.
އަދި އިންޑިއާއިން އިއްޔެ ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ވިސާ ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް މެޑިކަލް ވިސާގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ގައި ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.
”ޕަހަލްގަމް ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ (ސީސީއެސް) އިން ނިންމި ނިންމުންތަކާ އެއްގޮތަށް އިންޑިއާ ސަރުކާރުން ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާގެ ހިދުމަތް ވަގުތުން ވަގުތަށް މެދުކަނޑާލަން ނިންމާފައި“ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފައި ވެއެވެ.
އަދި ޕާކިސްތާނުގައި ތިބި އިންޑިއާ ރައްޔިތުން ވީއެންމެ އަވަހަކަށް އެނބުރި ޤައުމަށް އައުމަށް އެ މިނިސްޓްރީން ވަނީ ލަފާދީފައެވެ.
މިކަމާއި ގުޅިގެން ޕާކިސްތާނުންވެސް ވަނީ އިންޑިއާއާއެކު ވިޔަފާރީގެ މުއާމަލާތްތައް މެދުކަނޑާލައި، ވައިގެ ސަރަހައްދު ބަންދުކޮށް، އިންޑިއާގެ ރައްޔިތުންނަށް ވިސާ ކެންސަލްކޮށްފައެވެ.
ޕަހަލްގާމްގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި 26 މީހުން ވަނީ މަރުވެފައެވެ.



