އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ބިލްޑް އެކްސްޕޯގައި، ސްޓެލްކޯގެ ފަރާތުން ކުރިއަށްގެންދާ ސްޓޯލުން ތަފާތު އެކި ގޭމް ކުޅެގެން އިނާމު ހޯދުމުގެ ފުރުސަތުވެސް އެ ކުންފުނިން ހުޅުވާލައިފިއެވެ.
މި އަހަރުގެ ބިލްޑް އެކްސްޕޯ ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން މި ހަރަކާތް އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.
މި ހަރަކާތުގައި ސްޓެލްކޯގެ ފަރާތުން ކުރިއަށްގެންދާ ސްޓޯލުން، އެ ކުންފުނީގެ ބިޒްނަސް ސެންޓަރުންދޭ ހިދުމަތްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމާއި ތަފާތު އެކި ކަރަންޓުގެ ސާމާނާ ގުޅޭގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.
މީގެއިތުރުން ސްޓެލްކޯގެ ސްޓޯލުން ގިވްެއަވޭ ދިނުމާއި ތަފާތު އެކި ގޭމް ކުޅެގެން އިނާމު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ބިލްޑް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެކެވެ.
މިއަހަރުގެ ބިލްޑް އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި އިންޑިއާ، ލަންކާ ތައިލޭންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ.
ޖުމްލަ ހަތަރު ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00 އަށް ކުރިއަށްދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.




