ރާއްޖޭގެ ފުރަތަމަ ގޮލްފް މުބާރާތް ”މޯލްޑިވްސް އޯޕަން 2025“ ސްރީލަންކާގައި ފަށައިފިއެވެ.
މި މުބާރާތް ފަށާފައި ވަނީ ސްރީލަންކާގެ ކެންޑީގައެވެ.
މި މުބާރާތް ފައްޓަވާދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢުއެވެ.
މި މުބާރާތް އިފްތިތާހު ކުރުމަށް މިއަދު ސްރީލަންކާގެ ކެންޑީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ)ގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.
ގޮލްފް އެސޯސިއޭޝަނުން ބުނީ ދިވެހިންނަށް ގޮލްފް ތައާރަފުވެގެން ދިއުމާއެކު ގިނަ ކުޅުންތެރިންތަކެއް ތަމްރީނު ކުރުމާއި ގޮލްފް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގޮލްފް އެސޯސިއޭޝަންގެ ރައީސް ހުސެއިން އަފީފް (ޗަމްޕާ އަފީފް) ވަނީ ރާއްޖެއަށް ގޮލްފް ތައާރަފް ކުރުމުގައި ސަރުކާރުން ދެއްވާފައިވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ސަރުކާރަށާއި ސްޕޯޓްސް މިނިސްޓްރީއަށް ޝުކުރު އަދާ ކުރައްވާފައެވެ.



