އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައެއް ފެށިއްޖެނަމަ ކޮށްފާނެ އަސަރަކަށް ރާއްޖެއިން ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފަށާފައިވާ ކަމަށެވެ.
އޭގެ ސަބަބުން ދެކުނު އޭޝިއާއަށާއި އިންޑިއާ ކަނޑުގެ އިތުރުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްގެ އަސަރު ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމާއި އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކަށް އަޅުގަނޑުމެން ތައްޔާރުވާން އެބަޖެހޭ“ ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެ ދެ ގައުމުގެ މެދުގައި ހަމަނުޖެހުން އުފެދި ނުތަނަވަސްކަން އިތުރުވެފައި މި ވަނީ އެޕްރީލް 24 ވަނަ ދުވަހު ޖަމްމޫ އަދި ކަޝްމީރުގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.
އެ ހަމަލާއަށްފަހު އިންޑިއާއިން ޕާކިސްތާނަށް އިންޒާރު ދެމުން އަންނަ އިރު ޕާކިސްތާނުން ދަނީ އިންޑިއާއަށް އެކި ތުހުމަތުތައް ކުރަމުންނެވެ.
އިންޑިޔާ ސަރުކާރުން ބުނަމުން އަންނަނީ މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށެވެ. އެހެންކަމުން އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ދެ ގައުމު ދެމެދުގައިވާ މައި ބޯޑަރު ކްރޮސިންގ ބަންދު ކުރުމާއި، ވައިގެ ސަރަހައްދު ބަންދުކޮށް،ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން ވަނީ ހުއްޓާލާފައެވެ.
އަދި އިންޑިޔާ އާއި ޕާކިސްތާނުން ފެން ހިއްސާކުރަމުން އައި މައި ކޯރަކުން ޕާކިސްތާނަށް ފެން ނުލިބޭގޮތް ބަންދުކުރުމުގެ މަސައްކަތް އިންޑިއާއިން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާއި ގުޅިގެން ޕާކިސްތާނުންވެސް ވަނީ އިންޑިއާއާއެކު ވިޔަފާރީގެ މުއާމަލާތްތައް މެދުކަނޑާލައި، ވައިގެ ސަރަހައްދު ބަންދުކޮށް، އިންޑިއާގެ ރައްޔިތުންނަށް ވިސާ ކެންސަލްކޮށްފައެވެ.
މީގެ އިތުރުން އިންޑިއާ އާއި ޕާކިސްތާނު ގުޅުވައިދޭ މައި ބޯޑަރު ސަރަހަައްދުގައި އިންޑިއާ އާއި ޕާކިސްތާނާއި ދެމެދުގައި ވަނީ ބަޑީގެ ހަމަލާތަކެއްވެސް ދީފައެވެ.
އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ވަނީ ތިން ހަނގުރާމައެއް ކޮށްފައެވެ.
އޭގެތެރެއިން ދެ ހަނގުރާމަކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގައެވެ.



