މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގެ ބިން ހިއްކައި ނިންމައިފިއެވެ.
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، އެ މަޝްރޫއުގެ ދަށުން، އޭޕްރީލް 13، 2025 ގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް J ގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް D,F,G,L ގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިން ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ. މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް އެޗްޑީސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެއެވެ.




