މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެނިއްޖެނަމަ 911 އަށް ގުޅަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އެދިއްޖެއެވެ.
އެންޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދިޔުމާއި އެފަދަ މީހުން ކުށްކުރުމާ ގުޅިގެން ހިފަހައްޓައި އަނިޔާ ކުރުމުގެ އިތުރުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުންދާތީ އެކަން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ އާ ގުޅިގެން ފުލުހުންނާއެކު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް އެންޑީއޭއިން ބުނެފައި ވެއެވެ.
އެންޑީއޭއިން ބުނީ ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މަސްތުވާތަކެއްޗާއި އެ ނޫން ވެސް މަސްތުވާ ޒާތުގެ ހުރިހާ މާއްދާތަކާއި ތަކެތި ބޭނުން ކުރުމަކީ ފުރާނަ ގެއްލި ދިއުމުގެ ނުރައްކާ އޮތް ކަންކަން ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަން ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކެގެން ކަމަށެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން އައި ޕާޓީ ކުރުމުގެ އާގޮތުގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެެއްޓިފައިވާ ކަމަށް އެންޑީއޭއިން ބުނެފައި ވެއެވެ.
އަދި އެފަދަ މީހުންގެ ތެރެއިން އެ އެޖެންސީގެ ފަރުވާގެ ނިޒާމުގެ ހިދުމަތަށް އެދިގެން އައި ގިނަ ޒުވާނުންގެ ފަރާތުން އެނގުނު ގޮތުގައި އެފަދަ މީހުން މަސްތުވާތަކެތި ބޭނުން ކުރަމުން ގޮސްފައި ވަނީ ދޭތެރެދޭތެރެއިން ބޭނުންކުރާ ގޮތަށް ނަމަވެސް، އެކަމުގެ ތެރެއިން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ، މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ތެރެއަށް ވަދެ، ސިއްހީ އެތަކެއް މައްސަލަތަކެއް، އޭގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
އެންޑީއޭ އިން ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރިކަމުގެ އިންޒާރުދީ އެކަމުން ދުރުވުމަށް އިލްތިމާސް ކޮށްފައެވެ.
އެންޑީއޭ އިން ބުނީ އެ އެޖެންސީ އާއި ކަމާ ގުޅުންހުރި ބައެއް ޖަމިއްޔާތައް ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން އެ ޕްރޮގްރާމުން ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕާޓީ ކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ތެރެއަށް ވަނުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އެންޑީއޭ އިން ހާމަކުރެއެވެ.
މީގެ އިތުުރުން މަސްތުވާތަކެތީގެ ތެރެއަށް ވަންނަ ފަރާތްތަކުގެ ތެރޭގައި ޒުވާނުންނާއި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް އެ ނުރައްކަލަށް ހުށަހެޅި އެކަމުގެ ޝިކާރައަށް ދެ ޖިންސުގެ މީހުން ވަމުން އަންނައިރު އެއާއި ގުޅޭ ސިއްހީ އެތައް މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެންޑީއޭ އިން ވަނީ ޕާޓީ ކުރުމާއި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭކަން ފާހަގަކުރެވިއްޖެ ނަމަ ނޭޝަނަލް އެމަޖެންސީގެ ނަމްބަރު 119 އަށް ނުވަތަ އެ އެޖެންސީގެ ހޮޓްލައިން 1410 އަށް ގުޅުމަށް އެދިފައެވެ.
ހަމައެހެންމެ މިކަމާ ގުޅިގެން ހާލަތު އިތުރަށް ދެނެގަތުމާއި އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން އެންޑީއޭ އިން އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާއި ބައިވެރިވުން ލިބި، ޝާމިލުގޮތެއްގައި މަސައްކަތްކޮށްގެން ނޫން ގޮތަކަށް ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާތީ އެންޑީއޭ އިން ވަނީ އާންމުންގެ އެހީތެރި ކަމަށް އެދިފައެވެ.



