މި އަހަރު ދިވެހި ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވާ ޓޫރިޒަމް ފެއަރ، އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) މާދަން ފަށަން ތައްޔާރުވެއްޖެްެވެ. މިއީ މުޅި ދުނިޔޭގައި ވެސް ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރ އެވެ.
ދުބާއީގެ ވޯރލްޑް ޓްރޭޑް ސެންޓަރުގައި މާދަމާއިން ފެށިގެން އަންނަ މެއި މަހުގެ 1 އަށް ކުރިޔަށްގެންދާ، 32 ވަނަ އޭޓީއެމް ފެއަރއަކީ މެދުއިރުމަތީގައި ވެސް ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ މީޑިއާއަކަށް މީގެކުރިން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އޭޓީއެމް ފެއަރ އަކީ މި އަހަރު ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި ތައްޔާރުވެގެން ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ކަމަށެވެ. އެގޮތުން މި ފެއަރގައި 111 ދިވެހި ސްޓޯލެއްގައި، 260 އަށްވުރެ ގިނަ ދިވެހިން ބައިވެރިވާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.
”މީގެ ކުރިން ރާއްޖެެއިން ކޮންމެ އަހަރަކު އެންމެ އިސްކަމެއްދީގެން ބައިވެރިވާ ފަތުރުވެރިކަމުގެ ފެއަރއަކީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރ. ނަމަވެސް މި އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ފެއަރއަކަށް އޭޓީއެމް ފެއާރ ކަނޑައެޅީ. ރާއްޖޭގެ ފަތުރިވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަކަށް ފަހު“ ޝިޢުރީ ވިދާޅުވިއެވެ.
މީގެއިތުރުން ޝިއުރީ ވިދާޅުވީ، އެ މަޝްވަރާތަކުން އެނގިގެން ދިޔައީ އޭޓީއެމް ފެއަރއިން ރާއްޖެއަށް ލިބޭ ފުރުސަތުތައް ގިނަކަން ކަމަށެވެ. އޭގެ ސަބަބީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރއަށް ދާއިރު ވިސާގެ ކަންކަމާއެކު ގިނަ ދަތިތަކެއް ކުރިމަތިވާތީ ވަރަށްގިނަ ފަހަރު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތް މެދުވެރިވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.
ނަމަވެސް ދުބާއީގައި ބާއްވާ އޭޓީއެމް ފެއަރގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެފައިވާގޮތުން ރާއްޖެ ހިމެނޭހެން އެހެން ގަައުމުތަކުން ވެސް އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީގެ އެމްޑީ ވިދާޅުވިއެވެ.
ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމުން ބައިވެރިވާ މި ފެއަރގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތައް ވެސް ހިމެނޭހެން ޖުމްލަ ގޮތެއްގައި މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވެސް ޝިޢުރީ ވިދާޅުވިއެވެ.
މިއަހަރުގެ އޭޓީއެމް ފެއަރގައި މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރަށް ޤައުމުތަކުން ބައިވެރިވާއިރު، ރިޕޯޓުތަކުން ބުނާގޮތުން މިފަހަރުގެ ފެއަރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.



