ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން އަންހެނަކު ހަބަރުހުސްވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވިގެން މިއަދު ހެނދުނު 6:05 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް ގޮސް، ގަދަކަމުން ދޮރު ހުޅުވައިގެން އެތަނަށް ވަން ކަމަށާއި އެތެރެއަށް ވަދެފައި ބެލި ބެލުމުން ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ހަބަރު ހުސްވެފައިވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ދީފައިވަނީ އާއިލާއިން ކަމަށާއި އަންހެން މީހާ އޮތް ކޮޓަރީގައި މީހަކު ނެތް ނަމަވެސް އެޕާޓްމަންޓުގައި އޭނާގެ އާއިލާ މީހުން ތިބިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރައްވަމުންނެވެ.



