ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މޭ މަހު ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މޭ މަސް ތެރޭގައި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ރަޖިސްޓްރީ ހަވާލުކުރަން ފަށާނެ ކަމަށެވެ.
”ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ވަނީ ލަސްތަކެއް އައިސްފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޕްލޭނަށް ބަދަލު ގެނެސް ގުޅީފަޅުން ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި


