ރާއްޖެއިން މިއަހަރު އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވާ ޓޫރިޒަމް ފެއަރ، އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް އެމިރެޓްސްގެ ޗެއާޕަރސަން އަހްމަދު ބިން ސައީދު އަލް މަޚްތޫމް ޒިޔާރަތްކުރައްވާ، ބައްލަވާލައްވައިފިއެވެ.
އޭޓީއެމް ފެއަރ އަކީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު އެއް ޓްރެވެލް ފެއަރ އެވެ. ދުބާއީގެ ވޯރލްޑް ޓްރޭޑް ސެންޓަރުގައި މިއަދުން ފެށިގެން އަންނަ މެއި މަހުގެ 1 އަށް ކުރިޔަށްގެންދާ، 32 ވަނަ އޭޓީއެމް ފެއަރއަކީ މެދުއިރުމަތީގައި ވެސް ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ
މިކަމާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ މީޑިއާއަކަށް މީގެކުރިން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އޭޓީއެމް ފެއަރ އަކީ މި އަހަރު ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި ތައްޔާރުވެގެން ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ކަމަށެވެ. އެގޮތުން މި ފެއަރގައި 111 ދިވެހި ސްޓޯލެއްގައި، 260 އަށްވުރެ ގިނަ ދިވެހިން ބައިވެރިވާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.
”މީގެ ކުރިން ރާއްޖެެއިން ކޮންމެ އަހަރަކު އެންމެ އިސްކަމެއްދީގެން ބައިވެރިވާ ފަތުރުވެރިކަމުގެ ފެއަރއަކީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރ. ނަމަވެސް މި އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ފެއަރއަކަށް އޭޓީއެމް ފެއާރ ކަނޑައެޅީ. ރާއްޖޭގެ ފަތުރިވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަކަށް ފަހު“ ޝިޢުރީ ވިދާޅުވިއެވެ.
މީގެއިތުރުން ޝިއުރީ ވިދާޅުވީ، އެ މަޝްވަރާތަކުން އެނގިގެން ދިޔައީ އޭޓީއެމް ފެއަރއިން ރާއްޖެއަށް ލިބޭ ފުރުސަތުތައް ގިނަކަން ކަމަށެވެ. އޭގެ ސަބަބީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރއަށް ދާއިރު ވިސާގެ ކަންކަމާއެކު ގިނަ ދަތިތަކެއް ކުރިމަތިވާތީ ވަރަށްގިނަ ފަހަރު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތް މެދުވެރިވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.




