ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ތިލަފުށީގައި ކްލިނިކް ހިންގުމަށް ދިހަ އަހަރުގެ މުއްދަތަކަށް 669.3 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ތަން ތަރައްގީ ކުރަން ގާތްގަނޑަކަށް 435،045 ރުފިޔާ ހޭދަވާނެ ކަމަށް އެޗްޑީސީން ލަފާކޮށްފައި ވެއެވެ.
ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 17.5 ރުފިޔާގެ ރޭޓުން މަހަކު 11،712.75 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި ތިން އަހަރާއި ފަސް އަހަރާ ދެމެދު ދައްކާނެ ކުލި ހުށަހަޅަން ޖެހޭއިރު، އެ އަގު ހުށަހަޅަން ޖެހެނީ އަކަފޫޓަކަށް ކަނޑައަޅާފައިވާ ރޭޓަށް ވުރެ ކުޑަ ނުވާ ގޮތަށް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެ ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެމަޖެންސީ ފަރުވާ އާއި ވެކްސިން ޖެހުމާއި ކުދި އަނިޔާތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމާއި ޓެސްޓުތައް ހެދޭނެ ގޮތް ހުންނަން ޖެހޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
އަދި ފާމަސީއަކުން ބޭސް ދޫކުރަން ވެސް ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެ ކްލިނިކް ތަރައްޤީ ކުރަން އެދި ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރެެއްގެ މެންދުރު ފަހު 14:00ގައި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.
މިގޮތުން ބިޑާ ގުޅޭ ސުވާލުކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތެއް މެންދުރު 2:00 ސުންމިނެޓުގެ ކުރިން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މި މަސައްކަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުން އޮތީ އަންނަ މެއި މަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގައި ކަމަށެވެ.




