ރާއްޖެއާއި މެލޭޝިޔާގެ ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާ ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އަދި ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސްއާ ޙިއްޞާކުރައްވާފައެވެ.
ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ޚާއްޞަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ މުޢާމަލާތްތަކާއި އަދިވެސް އެހެނިހެން މި ދާއިރާއާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.
މީގެ އިތުރުންވެސް، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވައި، ރަސްމާލޭ މަޝްރޫޢާއި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިދިޔަ ޑިސެމްބަރ މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު އިންވެސްޓަރުންނަށް، ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރެވިފައިވާކަން މިނިސްޓަރުން ފާހަގަކުރެއްވިއެވެ.



