ދުނިޔޭގެ އެކިކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެ ޕްރޮމޯޓު ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިމަހުގެ 28 އިން ފެށިގެން މާދަމާގެ ނިޔަލަށް ދުބާއީ ގައި ކުރިއަށްދާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ، އެރެބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގެ ތެރެއިންނެވެ. އެ ފެއަރ ގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އިއްޔެ ސޮއި ކުރެވުނު އެ ހަތަރު އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ޓޫރިޒަމް މިނިސްޓަރު ތާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން ފުރަތަމަ ސޮއިކޮށްފައިވަނީ އެމިރޭޓްސް އެއަރލައިނާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް ދަތުރުކުރާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެއެއަރލައިނުން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރާނެއެވެ.
ރާއްޖެއިން ދެވަނައަށް ސޮއިކޮށްފައިވަނީ ޤަތަރު އެއަރވޭސް އާއެކުއެވެ. ޤަތަރު އެއަރވޭސްއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުންވެސް ޤަތަރު އެއަރވޭސްއިން ރާއްޖޭގެ ފަތުރުވެރިކަން އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކުރާނެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް ޤަތަރުއެއަރވޭސް އިން ބުނެއެވެ.
މީގެއިތުރުން ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ރިސޯޓް ލައިފް ކުންފުންޏާއެކު ސޮއިކުރި މި އެއްބަސްވުމާއެކު އެ ސަރަހައްދުން އިތުރު ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރްސީއާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރިސޯޓްލައިފުން ވަނީ ބުނެފައެވެ.
މިއެއްބަސްވުމުގެ އިތުރަށް އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާއާއެކުވެސް އެމްއެމްޕީއާރްސީން ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.



