ދަރިވަރުންނަށް ޖަވާބު ދިނުން އަވަސްކުރަން ހަޔާ އެޑިއުކޭޝަނުން ޕޯޓަލެއް ތައާރަފްކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ހުށަހެޅުއްވި ސިޓީގެ ޖަވާބުގައެވެ.
އަޒާންގެ ސިޓީގައި ވަނީ އެ މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ އީމެއިލާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވުމާގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ލިޔުމުން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ލޯން ސްކީމާއި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭ ކަމަށެވެ.
އަދި ބައެއް ދުވަސްދުވަހު އެ އަދަދު އެއަށްވުރެވެސް އިތުރުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ނަމަވެސްް އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
”މި މައްސަލަ އިތުރަށް ހައްލު ކުރުމުގެ ގޮތުން ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާނެ ޕޯޓަލެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން މި ޕޯޓަލްގެ މަސައްކަތް ނިންމައި އަންނަ އޮކްޓޯބަރު މަހު ބޭނުން ކުރަަން ފަށާނެ ކަމަށާއި އޭރު ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދިނުން ބޮޑު ތަނުން އަވަސްވެގެން ދާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.



