ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސަކަށް އަލްއުސްތާޛް މުހައްމަދު މުޖުތާޒު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މުޖުތާޒަށް ރުހުންދީފައި ވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މުޖުތާޒު ސީއެސްސީ އަށް އައްޔަންކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މިގޮތުން އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި މެންބަރަކީވެސް މުޖުތާޒުއެވެ.
ސީއެސްސީގެ މެންބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައި މުޖުތާޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.




