ބޭންކުގެ ގްލޯބަލް ޕާޓްނަރ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ ދުބާއީގައި މިމަހުގެ 28 އިން ފެށިގެން ހިނގަމުންދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއަރ ގެ ތެރޭގައި މިއަދުއެވެ. މި ފެއަރ މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެމްއެމްޕީއާރްސީއާއެކު ސޮއި ކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ކޯޕަރޭނާއެކު މިފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށެވެ.
”އަޅުގަނޑުމެންގެ އެކްސްކްލޫސިވް އިންޓަރނޭޝަނަލް ކާޑު ޕާޓްނަރޝިޕްތަކާއެކު މި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެ. ކައިރި މުސްތަޤްބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން.“ ޝަރީފު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ބީއެމްއެލްއާ ގުޅިގެން ހިންގޭ މި ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފަރތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.



