ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ އަކީ އެ އަތޮޅު ”ނެއްލައިދޫ“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.
ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީ އޮންނަ ގާތްގަނޑަކަށް 7.40 ހެކްޓަރުގެ ފަޅު ރަށެކެވެ.
އެ ރަށް ނެއްލައިދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއަދު ނެރުއްވި ޤަރާރުގައި ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ އެ އަތޮޅުގެ ”ނެއްލައިދޫ“ ގެ ބައެއްގެ ގޮތުގައިި ވަނީ އިތުރުކޮށްފައެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.



