ރާއްޖޭގައި ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމަށް ސްރީ ލަންކާގެ ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެވެ.
އެ ކުންފުންޏާ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު އެވެ. އަދި ކޭބީއެސްއެލް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް އެވެ.
ހޯމް މިނިސްޓްރީން ބުނީ ޑިޒާސްޓާ ރިކަވަރީ ޕްލޭން ހެދުމަށް ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްފައި ވަނީ 4 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށްް 45,525 ޑޮލަރަށް ކަމަށެވެ.
ސަރުކާރު އޮފީސްތައް ބަރޯސާވެފައި އޮތީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓް ކުރުމަށް ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރާސްޓްރަކްޗާތަކުގެ މައްޗަށްކަން ފާހަގަކޮށް ހޯމް މިނިސްޓްރީން ވަނީ ދިމާވާ ހާދިސާއެއްގައި އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސަރުކާރު ހިންގުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދާނެ ގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު މި ފެށީ ކަން ހާމަކޮށްފައެވެ.
ހޯމް މިނިސްޓްރީން ވަނީ މި އެއްބަސްވުމުގެ ދަށުން ދިމާވާ ހާދިސާއެއްގައި އެ ފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެކަން ހާމަކޮށްފައެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.




