ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލު ބަލައިގަތުމަށްފަހު ދިރާސާކުރުމަށް މަޖިލީހުގެ ގެދޮރުވެރި ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަތުމަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން އެ ބިލް ދިރާސާކުރަން ވަނީ މަޖިލީހުގެ ގެދޮރުވެރިކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
އެ ބިލްގައި ބުނެފައިވާ ގޮތުން މި ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން ޖެހޭނެ އެވެ.
އަދި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބިލްގެ މަގްސަދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް އެ މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށް އެފަދަ މަޝްރޫއުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކުގެ އަސާސީ ޒިންމާތައް ކަނޑައެޅުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުއްދަ ދިނުމާއި މަޝްރޫއު ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
ހަމައެހެންމެ މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން މި ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.




