ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެ ބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށާއި މި ބައްދަލު ކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީ އިން ވަނީ މޯލްޑިވްސް ބްލަޑް ސަރވިސް (އެމްބީއެސް) އިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ހަމައެހެންމެ އެމްބީއެސްގެ ޚިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދެއްވުމަށް އެ ކޮމިއުނިޓީން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއިން ފާހަގަކުރެއްވިކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށެވެ.
ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ހަމައެއާއެކު މިއަދު ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް ”ވެލިޑް“ މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.



