މީޑިއާގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކަށް ސައުތް އޭޝިއަން ފައުންޑޭޝަން އިން އިންޑިއާގެ ޗެއްނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގައި ”ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް“ ކޯސް ފުރިހަމަ ކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކޮމުން ބުނީ އެ ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް ހޮވުމަށް ޝޯޓް ލިސްޓް ކުރާނީ އެ ކޮމިޝަނުން ކަމަށާއި ޝޯޓްލިސްޓް ކުރާ ފަރާތްތަކުގެ މައުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާ ހިއްސާ ކުރުމުން އެ ފަރާތުން އިންޓަވިއުކޮށް އެންމެ މޮޅު އެކެއް ނޫނީ ދެ ދަރިވަރުން އެ ކޯހަށް ހޮވާނެ ކަމަށެވެ.
ކޯހަށް ހުށެހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެކު އެ ކޮމިޝަނަށް ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔެ ކިޔުން ހުށެހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އެވެ.
ބްރޯޑްކޮމް އިން ބުނީ މިއީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށެވެ. އަދި މި ކޯސް ފެށޭ ތާރީހަކީ 28 ޖޫން 2025 ކަމަށާއި ކޯސް ނިމުމަށް ހަމަޖެހިފައިވާ ތާރީހަކީ 3 މެއި 2026 ކަމަށެވެ.
އަދި އެ ސްކޮލަޝިޕްގެ ދަށުން އިންޑިއާއަށް ދިއުމުގެ ޓިކެޓާއި ކެއުމާއި ހުރުމާއި ޕޮކެޓްމަނީ ވެސް ހަމަޖައްސައިދޭނެކަމަށް ބްރޯޑްކޮމް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ބްރޯޑްކޮމް އިން ބުނީ މި ކޯހަށް އެދި ހުށަހަޅާ ފަރާތަކީ ބެޗިލާރސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށާއި އަދި އިނގިރޭސި ބަހަށް ފަރިތަ ކަމާއެކު ލިޔަން ކިޔަން ދަންނަ މީހަކަށް ވާންޖެހޭނެ ކަމަށެވެ.



