ދުނިޔޭގެ ފޫޅުމައިންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޑޮކިއުމެންޓްރީއެއް ނެެރެފިއެވެ.
ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 5 ވަަނަ ދުވަހުއެވެ.
ފޫޅުމައިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޚާއްސަ ޑޮކިއުމެންޓްރީ ލޯންޗްކޮށްދެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ރައްޒާޤް ހަލީމްއެވެ.
ހަލީމް ވަނީ ރާއްޖޭގެ ޞިއްހީ ދާއިރާއަށް ފޫޅުމައިން ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކުރައްވާ މިޑްވައިފުންގެ ދާއިރާ ހަރުދަނާ ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިއަދު ލޯންޗްކުރެވުނު ޑޮކިއުމެންޓްރީގައި ވަނީ ކުއްލި އިމަރޖެންސީ ހާލަތްތަކުގައި ފޫޅުމައިން ކޮށްދެއްވާފައިވާ މަސައްކަތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޫޅުމައިން ކޮށްފައިވާ ތަޖުރިބާ ހިއްސާ ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ސީނިއަރ މެނޭޖްމަންޓުން ވަނީ ރައްކާތެރިކަމާއެކު ވިހެއުން ކަށަވަރުކޮށް، މައިންނާއި އަލަށް އުފަންވާ ކުދިންގެ ކަންކަން ރަނގަޅު ކުރުމަށް މިޑްވައިފުން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.
ފޫޅިމަންގެ ދުވަސް ފާހަގަކުރުމަށް މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.



