އައްޑޫ ހަންކެޑެ ބުރިޖުގައި މިއަދު ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ފިރިހެނުން ތިބި ސައިކަލެއް ކޮންޓްރޯލްނުވެ ބްރިޖުގެ ފެންސުގައި ސައިކަލުޖެހި އެ ދެ މީހުން ވެސް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ.
އެތަނުން އެކަކު ވެއްޓިފައި އޮތް ތަނުގައި ގިނަ އަދަދަކަށް ލޭ ހުރި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 10:17 ހާއިރު ސ. ހިތަދުއިން މަރަދުއަށް ބުރިޖު މަތިން ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިޔަ މީހެއްގެ ސައިކަލު ކޮންޓްރޯލް ނުވެގެން ފެންސުގައި ޖެހިފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




